ޙައްޖުވެރިން – މުޒްދަލިފާގައި ރޭ ކުރުމާއި ކަނޑައެޅިފައިވާ ޢަމަލުތައް
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
1. ޢަރަފާތް ދުވަހުގެ އިރު އޮއްސުމަށްފަހު ޙައްޖާޖީން ޢަރަފާތް އިން މުޒްދަލިފާއަށް ދިއުމަށް ފަށާނީ އެވެ. ޢަރަފާތުގައި އިރު އޮއްސެންދެން ތިބުމަކީ ޙައްޖުގެ ވާޖިބުތަކުގެ ތެރެއިންވާ ވާޖިބެކެވެ. ވުމުން އޭގެ ކުރިން ޢަރަފާތްއިން ނުކުމެގެން ނުވާނެ އެވެ.
مُزْدَلِفَة އަށް އާދެވުމާ އެކު އެތަނަށް ފޭބުން ހުއްޓެވެ. އަދި مُزْدَلِفَة އަށް ފޭބުނުކަން އެބައިމީހުން ޔަޤީން ކުރުން ހުއްޓެވެ.
އެމީހަކު އެވަނީ މުޒްދަލިފާގައިކަން އެމީހަކު ޔަޤީން ކުރަންވާނެ އެވެ.
مُزْدَلِفَة ގެ ބިން ނޫން ތަނަކަށް ފައިބައި އެތަނުގައި ފަތިސްވަންދެން ދެމި ތިބެއްޖެ ހިނދުގައި އެބައިމީހުން ވަނީ مُزْدَلِفَة އިން ބޭރުގައި ރޭ ހޭދަކުރި ކަމުގެ ސަބަބުން ފަރުވާކުޑަ ކޮށްފައެވެ.
މި ޒަމާނުގައި مُزْدَلِفَة ފާހަގަ ވާނޭ ގޮތުގައި ބޯޑުތަކެއް ޖަހާ އޭގައި مُزْدَلِفَة ފެށޭތަން ލިޔެފައިވާނެ އެވެ. އަދި ގަދަފަދަ އަލިން އެއީ مُزْدَلِفَة ކަން އިނގޭ ގޮތަށް ދިއްލާފައި ވާނެ އެވެ.
2. ޙައްޖުވެރިންނަށް މުޒްދަލިފާއަށް އާދެވުމާއެކު އެންމެ ފުރަތަމަ ޢަމަލު ކަމުގައިވާން ޖެހޭނީ مَغْرِب ނަމާދާއި عِشَاء ނަމާދު ޤަޞްރުކޮށް އަދި ޖަމްޢުކޮށް ކުރުމެވެ. އެއީ އެއް ބަންގި އާ ދެ ޤަމަތް ދިނުމާ އެކުގައެވެ. ނަބިއްޔާ صلى الله عليه وسلم މިގޮތަށް ޢަމަލުފުޅު ކުރައްވާފައިވުމުންނެވެ. އެއީ مُزْدَلِفَة ގެ ބިމަށް ވާޞިލުވީ مَغْرِب ނަމާދުގެ ވަޤުތުގައި ނުވަތަ عِشَاء ނަމާދުގެ ވަޤުތު ވަނުމަށް ފަހު ކަމުގައިވީ ނަމަވެސް އެވެ.
ނަމާދު ކުރަން ފެށުމުގެ ބަދަލުގައި މުޒްދަލިފާއަށް އާދެވުމުން ހިލަ ހޮވަން ބައެއް ހައްޖުވެރިން ފަށައިގަންނަވަ އެވެ. މިއީ ސުންނަތުގެ ޢަމަލާއި ޚިލާފް ޢަމަލެކެވެ. ސަބަބަކީ ނަބިއްޔާ صلى الله عليه وسلم ޢީދު ދުވަހުގައި ޖަމްރާއަށް ހިލަ އުއްކެވުމަށްޓަކައި ހިލަ ހޮއްވަވައި ދެއްވީ مُزْدَلِفَة އިން مِنَى އަށް ވަޑައިގަތުމަށް ފެއްޓެވި ހިނދުގައި އެވެ.
އެކިއެކި ވަޞީލަތްތަކުން ދަތުރު ކުރާ ފަރާތްތައް، މުޒްދަލިފާއަށް އާދެވުން ލަސްވެ އެބައިމީހުންނަށް މުޒްދަލިފާއަށް ރޭގަނޑު ދެބައިވުމުގެ ކުރިން ނާދެވޭނެކަން އެނގިއްޖެނަމަ، އެބަޔަކު ތިބި ތަނެއްގައި މަޣްރިބް ނަމާދާއި ޢިޝާނަމާދު ކުރުން ހުއްޓެވެ. މުޒްދަލިފާއަށް ވަދެ ނަމާދު ކުރުމަށްޓަކައި ލަސް ކުރުމެއް ނުވެ އެވެ.
ސަބަބަކީ ޢިލްމުވެރިންގެ ނަސްފުޅުތަކުން އެންމެ ހެޔޮވެގެންވާ ބުނުމަކީ ރޭގަނޑު ދެބައި ވުމުގެ ކުރީގައި މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރުމެވެ.
3. رَسُولُ الله r ޢަމަލުފުޅު ކުރެއްވި ފަދައިން حَجُّ ވެރިން النَّحْر ވިލޭރޭ (ޢީދު ވިލޭރޭ) ރޭކުރުން އޮތީ مُزْدَلِفَة ގައެވެ. އެއީ އެރޭ ފަތިސް ވުމަށް ދާންދެނެވެ. ޔައުނީ ރޭގަނޑު އިރާކޮޅުގައި މުޒްދަލިފާއަށް ވަދެވިއްޖެ މީހާ، އެރޭ ފަތިސްވުމަށް ދާންދެން މުޒްދަލިފާގައި މަޑު ކުރުންވެ އެވެ. އެއީ ޙައްޖުގެ ވާޖިބުތަކުގެ ތެރެއިން ވާޖިބެކެވެ.
ޢުޛުރުވެރިންގެ ގޮތުގައިވާ ފަރާތްތަކަސް ރޭގަނޑު ދެބައިވުމުން مُزْدَلِفَة އިން ނުކުމެވިދާނެ އެވެ. ރޭގަނޑު ދެބައިވުމުގެ ކުރިން ނުކުމެއްޖެ މީހާގެ މައްޗަށް (ލޭއޮހޮރުވުމުގެ) ފިދުޔަ ދިނުން ވާޖިބު ވެގެންވެ އެވެ.
އަދި ރޭގަނޑު ދެބައިވުމުގެ ކުރިން جَمْرَة އަށް ހިލަ އުކުމާއި طَوَاف الإِفَاضَة ކުރުން ހުއްދައެއް ނުވާނެ އެވެ.
4. މިރޭގައި މުސްލިމް އަޅާ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރުމުގެ އިތުރަށް ކުރާނީ ވިތުރި އެވެ. އެ ނޫން އެއްވެސް ނަމާދެއް ކުރުމެއް ނުވެ އެވެ. މާނައީ : އެ ރޭގައި ހޭލައިހުރެ ދަމު ނަމާދު ކުރުމެއް ނޯވެ އެވެ. ނަބިއްޔާ صلى الله عليه وسلم އެ ރޭގައި ރޭ އަޅުކަން ކުރައްވަފައިނުވެ އެވެ.
5. ފަތިސް ވަޤުތު ވުމުން، ވަޤުތުގެ ކުރީކޮޅުގައި ފަތިސް ނަމާދު ކުރާނީ އެވެ. އެއަށް ފަހު އުދަރެސް ވަރަށް ބޮޑަށް ރީނދޫ ވަންދެން ދުޢާ ކުރުމާއި ޛިކުރު ކުރުމުގައި މަޝްޣޫލުވެ ދެމި ހުންނާނީ އެވެ. މިފަދައިން ނަބިއްޔާ ޢަމަލުފުޅު ކުރެއްވި ކަމުގައި ޞަޙާބީ جَابِر -رضي الله عنه- ގެ ނަބިއްޔާ ކުރެއްވި ޙައްޖު ސިފަކޮށްފައި ރިވާކުރައްވާފައިވާ ޙަދީޘްގައި ބަޔާން ކުރައްވާފައިވެ އެވެ.
ﷲ D وَحِي ކުރައްވާފައިވެ އެވެ. -މިތާގައި ލިޔޭ މި އާޔަތް- [البقرة: 198] ”ދެން ފަހެ، ތިޔަބައިމީހުން عَرَفَات ން އެނބުރި އައުމުގެ ދަތުރު ފަށައިގަންނަ ހިނދު، المَشْعَر الحَرَام ގައި ތިޔަބައިމީހުން ﷲ ހަނދުމަ ކުރާށެވެ. އަދި އެ އިލާހު ތިޔަބައިމީހުންނަށް ތެދު މަގު ދައްކަވައި އެންގެވި ފަދައިން، ތިޔަބައިމީހުން އެ އިލާހު ހަނދުމަ ކުރާށެވެ. އޭގެ ކުރިން ތިޔަބައިމީހުން ވެފައިވީ މަގު ފުރެދިފައިވާ މީހުންގެ ތެރެއިން ކަން ކަށަވަރެވެ.“
المَشْعَر الحَرَام އަކީ مُزْدَلِفَة އެވެ. ސަބަބަކީ އެއީ حَرَم ތެރޭގައިވާ ތަނެކެވެ. އެހެނަސް عَرَفة އަކީ مَشْعَر الحَلاَل އެވެ.
6. ބަލިކަށި އަންހެނުންނާއި ކުޑަ ކުދިންނަށް އަދި އެ ނޫން އެ ފަދަ މީސްތަކުންނަށް ރޭގަނޑުގެ ފަހު ބައިގައި، އެބަހީ ރޭގަނޑު ދެބައިވުމުން مُزْدَلِفَة އިން ނުކުމެގެން ދެވިދާނެ އެވެ. ސަބަބަކީ رَسُولُ الله r އެބައިމީހުންނަށް އެ ފަދައިން ހުއްދަ ދެއްވާފައި ވުމުންނެވެ. މިފަދައިން ޙަދީޘް البُخَاري (1676) އަދި مُسْلِم (3130) عَبدُ الله بِن عُمَر k ގެ އަރިއަހުން ރިވާ ކުރައްވާފައިވެ އެވެ.
ދަންނައެވެ! ނަބިއްޔާ صلى الله عليه وسلم ވަކި ބަޔަކަށް ހުއްދަ ދެއްވާފައި އެންމެހައި މީސްތަކުންނަށް ޢާންމުވެގެންވާ ގޮތުގައި ހުއްދަ ނުދެއްވުމުން އެނގި ބަޔާންވަނީ އެއީ ވާޖިބެއް ކަމުގަ އެވެ. އެއީ ވާޖިބެއް ކަމުގައި ނުވާނަމަ އެއްބަޔަކަށް ހުއްދަ ދެއްވުމުގެ ބޭނުންފުޅެއް ނެތެވެ.7. ފަތިސް ނަމާދަށްފަހު ދުޢާ ކުރުމުގައި ތިބެ، އިރު ރީދުވުމުން، ހައްޖުވެރިން މުޒްދަލިފާއިން ނިކުމެގެން ދާނީ ޢީދު ދުވަހުގައި ޙައްޖުވެރިން ކުރުމަށް ކަނޑައެޅިފައިވާ ޢަމަލުތައް ކުރުމަށްޓަކައެވެ. އެއީ، جَمْرَةُ العَقَبَة އަށް ހިލައުކުން، ހަދްޔު ނަޙްރު ކުރުން ނުވަތަ ކަތިލުން، ބޯ ބޭލުން ނުވަތަ ކޮށުން އަދި طَوَاف الإِفَاضَة ކުރުމާއި ސަޢުޔު ކުރަން ޖެހިފައިވާ މީހުން ސަޢުޔު ކުރުމެވެ. ފަހެ، ރަސޫލާ صلى الله عليه وسلم މި ތަރުތީބުން ޢަމަލު ކުރެއްވިއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.
