ކުޑައިރު ޢަޤީޤާ ކަތިލާފައި ނުވާނަމަ އަމިއްލަ ނަފްސަށް ޢަޤީޤާ ކަތިލެވިދާނެތޯއެވެ؟ އަދި ޢަޤީޤާގެ ގޮތުގައި ކަތިލެވޭނީ ކޮންއެއްޗެއްތޯއެވެ؟

بسم الله الرحمن الرحيم.

الحمد لله رب العالمين والصلاة والسلام على رسول الله و على آله وصحبه ومن ولاه:

أما بعد

ކޮށްފައިވާ ސުވާލުގައިވާ ނުކުތާތަކަށް ޖަވާބުދެމެވެ.  

ފުރަތަމައީ : ޢަޤީޤާއަށް ކަތިލެވެނީ ކޮން އެއްޗެއް ހެއްޔެވެ؟ އަޚާ އެވެ. އުޟްޙިއްޔާ އަދި ހަދްޔު އަދި ޢަޤީޤާ މި ޤުރުބާންތަކަށް ކަތިލެވެނީ އެއް ޖިންސުތަކުންނެވެ. މާނައީ : އުޟްޙިއްޔާއަށްވެސް އަދި ހަދްޔުގައިވެސް އަދި ޢަޤީޤާއަށްވެސް ކަތިލެވޭ ތަކެއްޗަކީ އެއްތަކެއްޗެވެ. ތަފާތެއް ނެތެވެ. އުޟްޙިއްޔާ، ހަދުޔު، ފިދިޔަ އަދި ޢަޤީޤާ ކަތިލުމުގައި ހުއްދަވެގެންވަނީ ނަޢަމްސޫފި ތަކުންނެވެ. ސަބަބަކީ މިއީ ޝަރުޢު އެކަމަށް ޢައްޔަނު ކޮށްފައިވާ ތަކެތި ކަމުގައިވުމުންނެވެ.  

އެއީ ޖަމަލު، ގެރި، ޟައަން ބަކަރި އަދި މަޢިޒް ބަކަރި އެވެ. ޙަދީޘްގައިވެ އެވެ. (أربعٌ لا يجْزينَ في الأضاحي : العوراءُ البيِّنُ عورُها، والمريضةُ البيِّنُ مرضُها، و العرجاءُ البيِّن ظلعُها و العجفاءُ التي لا تُنْقي)  ”ހަތަރު އެއްޗެއް (ހަތަރު ސިފަ ހުރި ނަޢަމް ސޫފި) އުޟްޙިއްޔާގެ ގޮތުގައި ކަތިލުން ހުއްދައެއް ނުވާނެ އެވެ. އޭގެ ޢަވަރުކަން ފާޅުވެ (އޭގެ އެއްލޮލުގެ ފެނުން ގޮސްފައިވާ، ލޯ ފުސްވެ، ކަނުވެފައިވާ އެތި)  އޭގެ ބަލިކަން ފާޅުވެ ބަޔާންވެގެންވާ ބަލި އެތިި، އޭގެ ކޮރުކަން ބަޔާންވެގެންވާ ކޮރު އެތި، އަދި އޭގެ ގައިގެ ބާރު ދެރަވެފައިވާ (ކަށީގައި ސަރުބީފިލައި އަނަރޫފަވެފައިވާ) އެއްޗެވެ.“  

الحَافِظ النوَوِي  ވިދާޅުވެފައިވެ އެވެ.   

ޙަދީޘްގައި ޛިކުރުކުރެވިފައިވާ 4 ސިފައިގެ ތެރެއިން އެއްވެސް ސިފައެއް ހުރެއްޖެ އެއްޗެއް ކަތިލުން ހުއްދަވެގެން ނުވާނެ ކަމުގައި އުއްމަތް އިޖްމާޢުވެގެންވެ އެވެ. އަދި މިފަދަ މާނައިގައި ވި ސިފަތަކަކީވެސް ނުވަތަ މި ސިފަތަކަށްވުރެ ހުތުރުކަން ބޮޑު ސިފަތައް ކަމުގައިވާ ލޯކަނު އެއްޗެއް ކަމުގައި ވުމާއި، އަތްފައި ބުރިވެފައިވުން އަދި މިފަދަ އެންމެހައި ބަލި ސިފަތަކަކީވެސް އެ އެއްޗެއް ކަތިލުމަށް ހުއްދަވެގެން ނުވާނެ ސިފަތަކެވެ. “  

ޖަމަލު އޭގެ ޢުމުރުން ފަސްއަހަރުވެ ހަވަނަ އަހަރަށް ވަދެފައިވުން. 

ގެރި އޭގެ ޢުމުރުން ދެ އަހަރުފުރި ތިންވަނަ އަހަރަށް ވަދެފައިވުން. 

ބަކަރި އޭގެ ޢުމުރުން އެއް އަހަރު ފުރި ދެވަނަ އަހަރަށް ވަދެފައިވުން.  

الإمام ابن باز  رحمه الله ވިދާޅުވެފައިވެ އެވެ. ”މިއަށްވުރެ ޢުމުރުގެ ގޮތުން ހަގު އެއްވެސް އެއްޗެއް ނަޢަމް ސޫފީގެ ގޮތުގައި ހަދުޔެއް، އުޟްޙިއްޔާ އަދި ޢަޤީޤާގެ ގޮތުގައި ކަތިނުލެވޭނެ އެވެ.“  

 ފަހެ، އެހެންވުމުން ބަޔާންވެގެންވަނީ ކުކުޅެއް އަދި މުސަޅެއް އަދި ހާލެއް ކަތިލުމަކުން އެކަން އަދާ ކުރި ކަމުގައި ނުވާނެ ކަމެވެ.  

އަދި މަސްޢޫލިއްޔަތު އަދާކުރަން ޖެހޭ ފަރާތުގެ ބޮލުގައި އެ ޒިންމާ އޮންނާނެ އެވެ.  

ފަހެ، އެހިނދު ދެންއޮތީ އަނެއް ސުވާލެވެ. ދަރިން ބޮޑެތިވެފައި ވުމުން އެދަރިން އަމިއްލަ ނަފްސަށް އަމިއްލައަށް ޢަޤީޤާ ކަތިލެވިދާނެ ހެއްޔެވެ؟   

މިއީ ދެވަނަ ނުކުތާ އެވެ. މި ނުކުތާއަށް ޖަވާބުގައި ބުނަމެވެ. އިމާމް الألبَانِي -رحمه الله-  السلسلة الصحيحة  ގައި  ޙަސަން ކޮށްފައިވާ ޙަދީޘެއްގައިވެ އެވެ. أن النبي صلى الله عليه وسلم عق عن نَفسِه بَعدمَا بعث نبيا) ”ނަބިއްޔާ صلى الله عليه وسلم  ނަބިޔެއްގެ ގޮތުގައި ފޮނުއްވުމަށްފަހުގައި، އަމިއްލަ ނަފްސަށް ޢަޤީޤާ ޤުރުބާން ކުރެއްވި އެވެ.“   

މަޝްރޫހު ތާބިޢީ ابن سِيرين ވިދާޅުވެފައިވެ އެވެ. ”އަހަރެންނަށް، އަހަރެންގެ ނަސްފުގެ މައްޗަށް ޢަޤީޤާ ޤުރުބާން ކޮށްފައިނުވާކަން އެނގިއްޖެހިނދު، އަމިއްލަނަފްސުގެ މައްޗަށް ޢަޤީޤާ ޤުބުރާން ކުރާނަމެވެ.“  

އަދި މިފަދައިން ތާބިޢީ الحسن البصري ވިދާޅުވެފައިވެ އެވެ. ފަހެ، އެހެން ވުމުން މިކަމުގެ ޖަވާބަކީ، ބައްޕަގެ ބަދަލުގައި ތިޔަ އަޚާ އަމިއްލަ ނަފްސަށް ޢަޤިޤާ ކަތިލުން މުޞްތަޙާއްބުވެގެންވެއެވެ. ދަރިފުޅު ބޮޑުވެ ހުރިކަމުގައިވީނަމަވެސް އޭގެ މުޞްތަޙައްބުކަން ދެމިއޮންނާނެ އެވެ. 

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts