ޙައްޖުވެރިން ޢަރަފާތުގައި – ޙައްޖުވެރިން ޢަރަފާތުގައިތިބެ ދުޢާ ކުރުން
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
1. އިސްލާމް ދީންވަނީ ފުރިހަމަވެ ނިމިފަ އެވެ. (الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا) “ މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.“
ވުމާއެކު ދީނުގައި އެންމެހައި ކަންތަކެއް ބަޔާންވެގެންވެ އެވެ.
ހެޔޮ ކަމެއް ކަމުގައިވާނަމަ އެ ހެޔޮކަން ދީނުގައި ވަނި ބަޔާންކުރެވި ކަނޑައެޅިފަ އެވެ. ހެޔޮ ކަމެއް އަދި ޞާލިޙް ޢަމަލެއް ގެ ގޮތުގައި ބަޔަކަށް އިސްލާމް ދީނުގެ ތެރެއަށް ގެނެވޭނެ އެއްވެސް މިންވަރެއް ނޯންނާމެ އެވެ.
އޭގެ ބަދަލުގައި އެފަދަ ޢަމަލުތަށް ދީނުގެ ތެރެއަށް ވެއްދުން ކަނޑައެޅޭނީ ބިދުޢަވެރި ޢަމަލުތަކުގެ ގޮތުގަ އެވެ. އެއީ އެންމެ ބޮޑުވެގެންވާ ޙަރާމް ކަންތައްތަކުގެ ތެރޭގައި ހިމެނިގެންވާ ޢަމަލެކެވެ.
ނަބިއްޔާ . ޙަދީޘް ކުރެއްވި އެވެ. «مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ؛ فَهُوَ رَدٌّ» ”އަހަރުމެންގެ މި އަމްރުގައި (އެބަހީ: ދީނުގައި) ނުވާ ކަމެއް އުފައްދައިފި މީހާ، ފަހެ އެ ކަމެއްވަނީ އެމީހާއަށް ރައްދު ކުރެވިގެންނެވެ.“ الْبُخَارِيُّ (2697)
2. ޢަރަފާތް ދުވަހުގެ މާތްކަމާއި މަތިވެރި ކަމަކީ ކުޑަވެސް އޮޅުމެއް ނުވާ މިންވަރަށް ސާފު ބަޔާނުން ނަޔާންވެގެންވާ ކަމެކެވެ. އެއް ދަލީލަށް ވުރެ ގިނަ ދަލީލުތަކުން އެކަން ބަޔާންކޮށް ޛިކުރު ކުރެވިގެންވެ އެވެ.
އެ ދުވަހެއްގައި ﷲ ތަޢާލާ އެކަލާނގެ އަޅުތަކުން، ޢަރަފާތުގައިވާ އަހުލުވެރިންނާ ކުއްތަންވެވޮޑިގަންނަވަ އެވެ.
އެ ދުވަހަކީ ﷲ އެކަލާނގެ ދީން ފުރިހަމަ ކުރެއްވި ދުވަހެވެ.
އެ ދުވަހަކީ ﷲ ތަޢާލާ އެކަލނާގެ މި ކާއިނާތުގައި ލައްވާ އެންމެހައި އަޅުތަކުން އާދަމުގެ ބުރަކަށިފުޅުން ހިއްޕެވުމަށްފަހު، އެކަލާނގެ މަތިން ހެކި ކުރައްވައި އިޤްރާރު ކުރެއްވި ދުވަހެވެ.
އެ ދުވަހަކީ އެއް ދުވަހެއްގައި އެންމެ ގިނަ މީސްތަކުން ނަރަކައިން މުއްތި ކުރެވޭނެ ދުވަހެވެ.
ދުނިޔެ މައްޗަށް އިރު އަރައި އޮއްސޭ އެންމެ ހެޔޮވެގެންވާ ދުވަހެވެ.
ޝައިޠާނާ އެންމެ ނިކަމެތިވެ ބަލިވާ ދުވަހެވެ.
ދުޢާ ކުރުމަށް އެންމެ ހެޔޮވެގެންވާ ދުވަހެވެ.
އެ ދުވަހުގައި ކިޔުމަސް ޚާއްޞަ ވެގެންވާ ޛިކުރެއް ކަނޑައެޅިފައިވާ ދުވަހެކެވެ.
3. މިފަދަ މާތް މަތިވެރި ދުވަހެއް ކަމުގައިވުމުން، ދީނުގައި އެ މަތިވެރި އަދި މާތްކަން ޙާޞިލްވެވެނެ އަދި ހޯދައިގަނެވެނެ ސަބަބުތައްވެސް ލެއްވި އެވެ.
އޭގެ ތެރޭގައި މި ދުވަހުގައި ކިޔުމަށް ލައްވާފައިވާ ޚާއްޞަ ޛިކުރެއްވެ އެވެ.
النَّبِيُّ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (خَيْرُ الدُّعَاِء دُعَاء يَوْم عَرَفَة، وَخَيْرُ مَا قُلْتُ أَنَا وَالنَّبِيونَ مِنْ قَبْلِي: لَا إِلَه إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ لَهُ المْلُكْ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْر) ”އެންމެ ހެޔޮ ދުޢާ އަކީ عَرَفة ދުވަހުގެ ދުޢާ އެވެ. ތިމަން ނަބިއްޔާ އަދި ތިމަން ނަބިއްޔާ އަށް ވުރެ ކުރިން އިސްވެވަޑައިގެންނެވި ނަބިއްޔުން ވިދާޅުވި އެންމެ ހެޔޮ ބަސްފުޅަކީ لَا إِلَه إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ لَهُ المْلُكْ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْر އެވެ.“ މި حَدِيثُ ރިވާ ކުރެއްވީ عَبدُ الله بْنُ عُمَر ގެ އަރިއަހުން الترْمِذِي (3085) އެވެ.
މިއަށްވުރެ ހެޔޮ ޛިކުރެއް އޮތްނަމަ ނަބިއްޔާ އެ ޛިކުރެއްވެސް އަންގަވައި ދެއްވީހެވެ. ބަޔާންކޮށްދެއްވީ ހެވެ. އިރުޝާދު ދެއްވީހެވެ. މި ޛިކުރުގެ މާތް ކަމާއި މަތިވެރި ކަމަކީ، މިއީ ނަބިއްޔާ صلى الله عليه وسلم އަދި އޭގެ ކުރިންވަޑައިގެންނެވި އެހެނިހެން ނަބީބޭކަލުންނާއި ރަސޫލު ބޭކަލުން ޢަރަފާތް ދުވަހުގައި ވިދާޅުވި އެންމެ ހެޔޮ ބަސްފުޅެވެ.
ޝަރަފަށް އަދި މަތިވެރި ކަމަށް މި މިންވަރުން ނުފެނީ ހެއްޔެވެ؟
މި ދުވަހުގައި މި ޛިކުރު ކިޔުމަށް ޚާއްޞަ އިސްކަމެއް ދިނުންވެ އެވެ.
ޢަރަފާތް ދުވަހަށް ޚާއްޞަކޮށްގެން ކިޔުމަށް މި ޛިކުރު ނޫން އެއްޗެއް ނުވެ އެވެ. އަދި ޢާންމުކޮށް ކިޔާ އެންމެހައި ޛިކުރުތައް ކިޔުމުގެ ފިރިސަތު އެބަ އޮތެވެ. އެހެނަސް އެއީ ޢަރަފާތް ދުވަހަށް ވީތީވެ، ވަކި ސިފައެއްގައި ވަކި ޢަދަދަކަށް ކިޔުމުގެ ގޮތުން ނޫނެވެ.
الشيخ عبد المحسن العباد -حفظه الله- ވިދާޅުވެފައިވެ އެވެ. ”عَرَفة ގައި دُعَاء ކުރުމަށް ޙާއްޞަ ވެގެންވާ ދުޢާ އެއް ނެތެވެ. އެހެނަސް حَجُّ ވެރިޔާ އޭނާގެ ވެރި އިލާހަށް ދުޢާ ކުރުމާއި، ތަލްބިޔާ ކިޔުމުގައި އަދި قُرُآن ކިޔެވުމުގައި ދެމިހުންނާނީ އެވެ. އަދި حَجُّ ވެރިޔާ ގެނެސް ގަންނަ ދުޢާ އާއި ޛިކުރުތަކަކީ ﷲ ގެ ފޮތްކޮޅުގައި އަދި رَسُولُ الله صلى الله عليه وسلم ގެ سُنَّةُ ގައި ޘާބިތު ވެގެންވާ ދުޢާ އާއި ޛިކުރުތަކަކަށް ވުން އެދެވިގެންވެ އެވެ. ސަބަބަކީ އެ ދެ وَحِي ގައި ބަޔާން ވެގެންވަނީ جَوَامِع الكَلِم ތަކެވެ. އަދި ޢައިބުތަކާއި ނޭދެވޭ އެންމެހައި ބަސްތަކުން ރައްކައުތެރިވެގެންވެ އެވެ.“ تبصير الناسك
4. ޢަރަފާތް ދުވަހުގައި ޔާސީން ސޫރަތް މިވެނި ޢަދަކަކަށް ކިޔުން“ ”ޜަފާތް ދުވަހުގައި ޙަޝްރު ސޫރަތް މިވެނި ޢަދަދަކަށް ކިޔުން، އިޚްލާޞް ސޫރަތް މިވެނި ޢަދަދަކަށް ކިޔުން ….. މިފަދައިން ބުނެފައިވާ އެންމެހައި ބަސްތަކެއް އަދި ޢަދަދު ތަކަކީ ﷲ ބާވައ ލައްވައި ފުރިހަމަ ކޮށްފައިވާ ދީނަށް ވައްދާފައިވާ ބިދުޢަވެރި ޢަމަލުތަކެވެ.
އެ ޢަމަލުގައި ހުރި މުޑުދާރު ކަމުގެ ބޮޑުކަން ދެނެގަތުން ހުއްޓެވެ. އިސްލާމް ދީން އެ ދުވަހެއްގައި ފުރިހަމަ ކުރެވުނު ދުވަހުގައި ކުރާ ޢަމަލަކީ، އިސްލާމް ދީން ފުރިހަމަ ނުވޭ ބުނާފަދަ ޢަމަލުތަކެވެ.
މިފަދަ އެންމެހައި ކަންކަމުން ދުރުވެ، މި ދުވަހުގައި ވާރިދުވެގެންވާ މިންވަރު ހޯދައި އެއިން ފުއްދާލުން ހުއްޓެވެ.
މި ދުވަހުގައި ޞައްޙަ ޘާބިތު ދުޢާ ކިޔުމަށް އިސްކަން ދިނުމަށް ނަޞޭހަތްތެރިވަމެވެ.
އެފަދަ ދުޢާތަކުގެ ލިޔުމެއް މިތަނުގައި ބަޔާން ކުރަމެވެ
https://abuanasmv.com/?p=2537
ޢަރަފާތް ދުވަހުގެ ފަހުކޮޅު ދުޢާ ކުރުމަށް ޚާއްޞަކޮށްލުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.
