ބުޅަލަށް އަނިޔާވެރިވުމަކީ ފާފަވެރިވާނެ ކަމެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

މި މައުޟޫގައި ވަރަށް ވެސް ތަފްޞީލު އަދި އެހައިމެ ނުހަނު ގިނަގުނަ މަޢުލޫމާތުތަކެއް ޖަމަޢަކުރައްވާ ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އަދި ފަހުގެ މި ޒަމާނުގައި ދުނިޔެދުށް ޝެއިޚުލް އިސްލާމްގެ ނަން ހައްޤުވެގެންވާ އެއް ޢިލްމުވެރިޔާ العلامة عبد العَزِيز بن باز -رحمه الله- ފަތުވާ ދެއްވާފައިވެއެވެ.

ސުވާލު: (ގެންގުޅޭ) ދޫނިތަކަށް ގެއްލުންދީ އެ ދޫނިތައް ކައިހަދާ، ބުޅަލާއި އަދި ކުއްތާތައް މެރުމަކީ ޙަރާމް ކަމެއްތޯ އެވެ؟ އަހަރެންގެ މަންމަ ވަނީ ގިނަ ބުޅާތަކެއް އެކި ގޮތްތަކުން މަރާލާފައެވެ. އެއް ގޮތަކީ، ނޭވާ ހާސްކޮށްލުވައިގެން، އަނެއް ގޮތަކީ، ހޫނު ކޮށްފައިވާ ފެން ބޭނުންކޮށްގެންނެވެ. އެއީ އެފަދަ (ބުޅަލާއި ކުއްތާ) އަތުލައިގެން މަލާރުމަށް ނުކުޅަދާނަވެ ޢުޛުރުވެރި ޙާލުގައިވުމުންނެވެ. ފަހެ، މި ޙާލަތުގައި، އެތަކެތި މެރުމަކީ ޙަރާމް ކަމެއް ކަމުގައިވެއްޖެހިނދު ޢަމަލު ކުރާނީ ކިހިނަކުން ހެއްޔެވެ؟

ޖަވާބު : “ބުޅަލާއި އަދި ކުއްތާ ގެއްލުންދޭ ކަމުގައިވާނަމަ، މިޘާލަކަށް (މީސްތަކުންނަށް ގޯނާކޮށް، ހަމަލާދޭ، ދަތްއަޅާ ކުއްތާ)، ފަހެ އެހިނދު އެތަކެތި މެރުން ހުއްޓެވެ”. އެއީ ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ.

(خَمْسٌ مِنْ الدَّوَابِّ كُلُّهَا فَوَاسِقُ تُقْتَلُ فِي الحل و الْحَرَمِ الْغُرَابُ وَالْحِدَأَةُ وَالْكَلْبُ الْعَقُورُ وَالْعَقْرَبُ وَالْفَأْرَةُ )

“ހިނގާބިގާ އުޅޭ ފަސް ވަތްތަރެއްގެ ދިރޭތަކެތި ވެއެވެ. މި ތަކެއްޗަކީ ފާސިޤު ތަކެއްޗެވެ. ޙަރަމުގައި (ޙުރުމަތްތެރި ކުރައްވާފައިވާ ބިންތަކުގައި -މައްކާ، މަދީނާ-) އަދި ޙަރަމުން ބޭރުގައި ޤަތުލުކުރުން ހުއްދަ ވެގެންވެއެވެ. ކާޅު، الْحِدَأَةُ (KITE، ޝިކާރަކުރާ ދޫންޏެއް)، ޢަޤޫރު ކުއްތާ (މީސްތަކުންނަށް ގޯނާކޮށް، ހަމަލާދޭ، ދަތްއަޅާ ކުއްތާ)، ނަގުލަންދާށި އަދި މީދަލެވެ”. ފަހެ، (މީސްތަކުންނަށް ގޯނާކޮށް، ހަމަލާދޭ، ދަތްއަޅާ ކުއްތާ) ޙަރަމުގައި ވެސް އަދި ޙަރަމުން ބޭރުގައިވެސް މެރުން ހުއްޓެވެ. އަދި ހަމަ އެފަދައިން މީސްތަކުންނަށް އުނދަގޫ ކުރާ ބުޅާ، އެގޮތުން ކުކުޅު ކެއުމުގައިވާ ބުޅާ، ކޮތަރު ކެއުމުގައިވާ ބުޅާ، މިފަދަ ބުޅާތައް ފައްސައި ދުރުކޮށްގެން މަންފާއެއް ނުކުރާނަމަ، އަދި ކިޔެއްތަ! ފައްސާލި ކަމުގައިވީނަމަވެސް އަނބުރައި އައިސް އުނދަގޫ ކުރާހިނދު، އެހިނދު މެރުން ހުއްޓެވެ.

އެހެނަސް ނުމަރައި ފައްސާލުމުން، ފުދޭ ކަމުގައިވާ ނަމަ އެހިނދު އެގޮތުން ފުއްދާނީއެވެ. މެރުމެއް ނުވެއެވެ. އަދި ހަމައެފަދައިން އަލިފާން ބޭނުންކޮށްގެން މަރައިގެން ނުވާނެއެވެ. ސަބަބަކީ އަލިފާނުން (ޢަޛާބު، ޢުޤޫބާތް) ﷲ ނޫންފަރާތެއް ނުދެއްވާނެތެވެ. އެފަދަތަކެތި މަރާނީ އަލިފާނުން ނޫންގޮތުގައެވެ. އެފަދަ ތަކެތިން ސަލާމަތްވުމަށް މަގެއް ނުފެނިއްޖެހިނދު ވިހަ ދީގެން، އެއްޗަކުން ޖަހައިގެން މަރާނީއެވެ.

އެހެނަސް ފައްސައިގެން، ދުރުކޮށްގެން، އެއަށް ބިރުދައްކައިގެން ސަލާމަތްވާ ނަމަ މެރުމެއް ނުވެއެވެ. އިންސާނަކު ބުޅަލުގެ އުނދަގުލުން އަދި އޭގެ ގޯނާއިން ސަލާމަތްވުމަށް މަގެއްނުފެނި، ކޮންމެހެން ވެސް ބޭނުންވެއްޖެހިނދު އެ މެރުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެހެނަސް އަލިފާނުން ނޫނެވެ. އަދި ކުއްތާގެ ތެރެއިން (މީސްތަކުންނަށް ގޯނާކޮށް، ހަމަލާދޭ، ދަތްއަޅާ ކުއްތާ) ނޫން އެހެން ކުއްތާތައް މެރުމެއް ނުވެއެވެ. އެހެނަސް އުނދަގޫކޮށް ގޯނާކުރާ ނަމަ ފައްސައި ދުރުކުރާނީއެވެ. ދަނޑުގޮވާން ކުރާތަނުން ފައްސާނީއެވެ. އަދި އުޅޭ ހިސާބުން އޭތި ދުރުކުރާނީއެވެ. އެހެން މީސްތަކުންނަށް އުނދަގޫކޮށް ގޯނާ ކުރާހިނދު މެނުވީ މަރައިގެން ނުވާނެއެވެ. މީސްތަކުންގެ ހަށިގަނޑުގައި ދަތްއަޅާ ކަމުގައިވާނަމަ މަރާނީއެވެ. އާނއެކެވެ.

ފަހެ، މަތީގައި އިސްވެދިޔަ ބަސްތަކުން ބަޔާންވެގެންދަނީ، ބުޅަލަށް ގޯނާ ކުރުމާއި އަދި އަނިޔާކުރުން ހުއްދަވެގެންނުވާ ކަމެވެ. އޭގެ ފަރާތުން ގެއްލުމާއި އުނދަގޫ ފޯރާ ކަމުގައިވާ ނަމަ، އެއިން ސަލާމަތްވާނެ މަގެއް ހޯދުން ހުއްޓެވެ. އޭގެ ގޯނާއާއި އުނދަގުލުން އެއަށްފަހުގައި ވެސް ސަލާމަތްވާނެ ގޮތެއް ނެތުމުން މެނުވީ އެ މަރައި ނުވަތަ ގޯނާ ކުރުމެއް ނުވެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply