ޒަމްޒަމް ފެންބޯ އިރު ކިޔަން ވަކި ޚާއްޞަ ދުޢާއެއް ވޭތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ޒަމްޒަމް ފެން ބުއިން މުސްތަޙައްބު ވެގެންވެއެވެ.
މި ފެނަކި ﷲ سبحانه وتعالى ، إِسْمِاعيل އަށް އަދި އެނަބިއްޔާގެ މަންމާފުޅު هَاجَر އަށް ނެރެދެއްވި ފެނެވެ. އަދި ﷲ ގެ އިރާދަފުޅާއި، ފަޟްލުވަންތަވެރިކަމާއި އިޙްސާންތެރިކަމުން އެފެން މެދުކެނޑުމެއް ނެތި އެގޮތުގައި އަރަމުންދެއެވެ. މި ޙާދިޘާ البُخَاري (3364) ގައިވެއެވެ.
النَّبِيُّ صلى الله عليه وسلم حَجَّة الوَدَاع ގައި طَوَاف ކުރެއްވުމަށްފަހު އަދި المَقَام ފަހަތުގައި ދެރަކްޢަތް ކުރެއްވުމަށްފަހު زَمْزَم ފެން ހިއްޕަވާ އެ زَمْزَم އިސްތަށިފުޅަށް އެޅުއްވިކަމަށް مُسْنَد الإِمَام أَحْمَد (15243) ގައި جَابِر -رضي الله عنه- އަރިއަހުން ރިވާވެގެންވެއެވެ. އަދި صَحِيحُ مُسْلِم (2950) ގައި جَابِر -رضي الله عنه- އަރިއަހުން ރިވާކުރައްވާފައިވާ النَّبِيُّ صلى الله عليه وسلم ގެ حَجَّة الوَدَاع ގެ ދިގު حَدِيث އަށްފަހު زَمْزَم ފެން ހިއްޕެވި ކަމުގައިވެއެވެ.
صَحِيحُ مُسْلِم (2950) ގައި أَبُوذَرٍّ -رضي الله عنه- އަރިއަހުން ދިގު حَدِيث އެއްގައި ވާރިދު ވެގެންވެއެވެ. حَدِيث ގައިވެއެވެ. (إنها مباركة، إنها طعام طعم) “ހަމަކަށަވަރުން އެއީ ބަރަކާތްތެރި ފެނެކެވެ. ހަމަކަށަވަރުން އެއީ ކެއުމަށް ބޭނުންކުރާ މީހަކަށް އޮތް ކެއުމެކެވެ”. އަދި أَبُوْ دَاود الطيَالِسِيْ مُسنَد (459) ގައި مُسْلِم އަށް ސަނަދުކޮށް ރިވާކުރައްވާފައިވާ ރިވާޔަތުގައި އިތުރަށްވެއެވެ. (وشِفَاءُ سُقْمٍ) “އަދި ބަލިތަކަށްވާ ޝިފާއެކެވެ”. އަދިވެސް މިފެނުގެ މާތްކަމާ މެދުގައި جَابِر -رضي الله عنه- ގެ އަރިއަހުން حَدِيث ވާރިދުވެގެންވެއެވެ. (مَاُء زَمْزَمَ لِمَا شُرِبَ لَهُ) “زَمْزَم ފެނަކީ އެބުއި ކަމަކަށް އޮތް ފެނެއް ކަމުގައިވެއެވެ”.
ޙަދީޘްއިން ބަޔާންވެގެންވަނީ ޒަމްޒަމް ފެނަކީ ބުއި ކޮންމެ ކަމަކަށް އޮތް ފެނެއް ކަމެވެ. ޝިފާއަށް ބޯ މީހާއަށް ޝިފާއެކެއެވެ. ވަކި ކަމަކަށް ދުޢާ ކުރާ މީހާއަށް އެކަމެކެވެ. އެ ފެނުގެ ބަރަކާތަށް ބޯ މީހާއަށް އެ ނިޔަތެވެ. ބުއިކަމަށް އޮތް ފެނެކެވެ. މި حَدِيث عِلْمُ ގެ أَهل ވެރިންގެ ތެރެއިން ބައެއް ބޭކަލުން ޙަސަން ދަރަޖަ ދެއްވިއެވެ. އަނެއްބައި ބޭކަލުން صَحَّ ކުރެއްވިއެވެ. الأَلْبَانِي -رحمه الله-ގެ إِرْواء الغَلِيل ، މި ފޮތުގައި އެކަމަށް އަލިއަޅުއްވާފައި ވެއެވެ.
ابن القَيِّم، زَاد المَعَاد (392-4) ގައި ވިދާޅުވެފައިވެއެވެ. “زَمْزَم ފެނަކީ އެންމެހައި ފެންތަކުގެ މައްޗަށް މަތިވެރިވެގެންވާ ފެނެކެވެ. އަދި އެއީ އެންމެ ޝަރަފުވެރި، އެންމެ ހެޔޮ އަދި އެންމެ ޤަދަރު ލިބިގެންވާ ފެނެވެ. އަދި ނަފްސުތަކަށް އެންމެ ލޮބުވެތިވެގެންވާ އެންމެ އަގުބޮޑު ފެނެވެ. އަދި މީސްތަކުންގެ ގާތުގައި އެންމެ އަގުހުރި ފެން ކަމުގައިވެއެވެ”.
މިފަދަ ރިވާޔަތްތައް ވާރިދުވެގެންވާ ހިނދު، ޘާބިތު ޞައްޙަ ޚަބަރުތައް ނަބިއްޔާގެ އަރިހުން ބަޔާންވެގެންވީ ހިނދު ވެސް، އެ ފެން ބޯ މީހާއަށް ޚާއްޞަ ދުޢާއެއް ކިޔުމެއް ޘާބިތެއް ނުވެއެވެ. އެހެނަސް އެމީހަކު ދެ ދުނިޔޭގެ ބާއްޖަވެރިކަމުގައިވާ ކޮންމެ ދުޢާއެއް ކިޔުމުގެ ދޮރު ހުޅުވިގެންވެއެވެ. ޚާއްޞަ ދުޢާއެއް ނެތެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.