ދުނިޔެ ދޫކޮށްފައިވާ އަހުލުވެރިންނަށް ޚާއްޞަކޮށް، އުޟްޙިއްޔާ ޤުރުބާން ކުރެވިދާނެތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ދުނިޔެ ދޫކޮށްފައިވާ އަހުލުވެރިންނަށް ޚާއްޞަކޮށް، މުސްތަޤިއްލު އުޟްޙިއްޔާ ޤުރުބާން ކުރުމުގެ މައްޗަށް ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
އުޟްޙިއްޔާއެއް ދުނިޔެ ދޫކޮށްފައިވާ ފަރާތަކަށް ޚާއްޞަކޮށް ޤުރުބާން ކުރުމުގެ މައްޗަށް ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވެ އެވެ.
މިތަނުގައި ދަލީލުތަކާއި އަދި ޢިލްމުވެރިންގެ ބަސްފުޅުތަކުން އެ ޢަމަލުގައި އެންމެ ޞައްހަވެގެންވާ ގޮތް ބަޔާން ކުރަމެވެ. އަދި އޭގެ ތަފްޞީލު ޛިކުރު ކުރަމެވެ.
ފުރަތަމައީ : އުޟްޙިއްޔާ އޭގެ އަޞްލުގައި ޝަރުޢުވެގެންވަނީ ދިރިތިބީންނަށެވެ. މިއީ ނަބިއްޔާ އަދި އަޞްޙާބު ބޭކަލުންގެ އަރިހުން ވާރިދުވެފައިވާ ގޮތެވެ. ޔަޢުނީ އެބޭކަލުން އެބޭކަލުންގެ އަމިއްލަ ނަފްސަށް އަދި އަހުލުންނަށް ޤުރުބާން ކުރެއްވުމެވެ.
މި ކަން ބަޔާން ކުރައްވާ ފަހުގެ ދުވަސްތަކުގައި އުއްމަތަށް ފާޅުވި ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ محمد ابن عثيمين -رحمه الله - ވިދާޅުވެފައިވެ އެވެ. ”އަޞްލަކީ، އުޟްޙީއްޔާއަކީ ދިރިތިބީންގެ ޙައްޤުގައި ކަނޑައެޅިފައިވާ ޢަމަލެކެވެ. އެއި ރަސޫލާ صلى الله عليه وسلّم އަދި އަޞްޙާބުބޭކަލުން އެބޭކަލުން އަމިއްލަ ނަފްސަށާއި އަދި އެބޭކަލުންގެ އަހުލުވެރިންގެ މައްޗަށް ޤުރުބާން ކުރެއްވި ފަދައިންނެވެ. ދެންފަހެ, ބައެއް ޢާންމު މީހުންނަށް ހީކޮށްފައިވާ ގޮތަށް، އުޟްޙިއްޔާ ޚާއްޞަކޮށް މަރުވެފައިވާ މީހުންނަށް ޤުރުބާން ކުރުމަކީ އެއްވެސް އަޞްލެއް އެކަމަށް އޮތް ކަމެއް ނޫނެވެ.“
ވުމުން، ބަޔާންވަނީ، މުސްތަޤިއްލުކޮށް، ޚާއްޞަ އުޟްޙިއްޔާއެއް މަރުވެފައިވާ ފަރާތްތަކަށް ޤަޞްދުކޮށް ޤުރުބާން ކުރުމެއް ނުވުމެވެ.
ދެވަނައީ : ދިރިތިބީން އެބައިމީހުންގެ އަމިއްލަނަފްސަށާއި އެބައިމީހުންގެ އަހުލު ބައިތުންނަށް އުޟްޙިއްޔާ ޤުރުބާން ކުރުމެވެ. އަދި އެ ނިޔަތުގެ ތެރެއަށް މަރުވެފައިވާ ފަރާތް ޤަޞްތުކުރުމެވެ. ފަހެ، މިއީ ހުއްދަވެގެންވާ ޢަމަލެކެވެ.
ފަހެ، އެހިނދު އޭނެ އަމިއްލަ ނަފްސު އަދި އޭނާގެ ބެލެހެއްޓުމުގެ ތެރޭގައިވާ އެންމެހައި ފަރާތްތަކާއި އަދި ޤަޞްދުކުޅަ މަރުވެފައިވާ ފަރާތް އެ އުޟްޙިއްޔާގައި ޝާމިލްވެގެންވާނެ އެވެ.
މި މައުޟޫގައި އިމާމް الشيخ محمد ابن عثيمين -رحمه الله – ވިދާޅުވެފައިވާ އަގުހުރި ފަތުވާއެއް ބަޔާން ކުރަމެވެ. “ އުޟްހިޔާ އަކީ ދިރިތިބީންގެ މައްޗަށް އޮތް ސުންނަތެކެވެ. އެއީ މަރުވެފައިވާ މައްޔިތުންނަށް އޮތް ސުންނަތެއް ނޫނެވެ. މިކަމުގެ ދަލީލަކީ، ޝަރީޢަތަކީ ﷲ އާއި އެކަލާނގެ ރަސޫލާގެ އަރިހުން އައިސްފައިވާ ގޮތްތަކެވެ. ސުންނަތުގައި އައިސްފައިވަނީ ދިރިތިބީން އުޝްހިއްޔާ ކަތިލުމަށެވެ. ނަބިއްޔާ صلى الله عليه وسلّم ގެ ގާތްތިމާގެ މީހުން ދުނިޔެ ދޫކުރެއްވި އެވެ. އެއިން އެކަކަށްވެސް އުޝްހިއްޔާ ކަތި ނުލައްވައެވެ. ނަބިއްޔާ صلى الله عليه وسلّم ގެ އެއްމެހައި ދަރިން ނަބިއްޔާއަށް ވުރެ ކުރީގައި މިދުނިޔެ ދޫކުރެއްވި އެވެ. އެއްބައި ދަރިން ދުނިޔެ ދޫކުރެއްވީ ބާލިޣުވުމަށް ފަހުގައި އެވެ. އަދި އެއްބައި ދަރިން ބާލިޣު ނުވަނީސް ދުނިޔެ ދޫކުރެއްވި އެވެ. އެދަރިން ތެރެއިން އެއްބައި ދަރިން ދުނިޔެއަށް ދަރިން ވިހެއި އެވެ. ނަބިއްޔާ صلى الله عليه وسلّم ގެ ފިރިހެން ދަރިން ބާލިޣު ނުވަނީސް ދުނިޔެ ދޫކުރެއްވި އެވެ. ނަބިއްޔާ صلى الله عليه وسلّم ގެ އަންހެން ދަރިން ދުނިޔެ ދޫކުރެއްވީ ބާލިޣުވުމަށް ފަހުގަ އެވެ. فَاطمة -رضي الله عنها- ފިޔަވައެވެ. فَاطمة -رضي الله عنها- ދުނިޔޭގައި ދެމިހުންނެވި އެވެ. އަދި ނަބިއްޔާ صلى الله عليه وسلّم ގެ ދެ އަނބިން ނަބިއްޔާއަށް ވުރެ ކުރިން ދުނިޔެ ދޫކުރެއްވި އެވެ.
خدِيجة އަދި زَينب بنت خُزَيمة -رضي الله عنهما- މި ދެ އަނބިކަނބަލުން ދުނިޔެ ދޫކުރެއްވި އެވެ. ނަބިއްޔާ صلى الله عليه وسلّم އެ ދެއަނބީންގެ މައްޗަށް އުޟްހިއްޔާ ޤުރުބާން ކުރައްވާފައި ނުވެ އެވެ. ނަބިއްޔާ صلى الله عليه وسلّم ގެ ބޮޑުބޭބެ حَمزَة بن عَبد المطلب -رضي الله عنه- ޝަހީދެއްގެ ގޮތުގައި ދުނިޔެ ދޫކުރެއްވި އެވެ. އެއަށްފަހު ނަބިއްޔާ صلى الله عليه وسلّم, حَمزَة އަށް އުޟްޙިއްޔާ ކަތިނުލައްވަ އެވެ. ރަސޫލާ صلى الله عليه وسلّم އަމިއްލަ ނަފްސަށް (ޤުރުބާން ކުރެއްވި) އަދި މައްޔިތަކަށް އުޟްޙިއްޔާ ކަތި ނުލައްވަ އެވެ. އަދި އުއްމަތަށް އެކަން ޝަރުޢު ކޮށްދެއްވާފައެއް ނުވެ އެވެ. އެކަމަށް މި އުއްމަތަށް ދަޢުވަތެއް ނުދެއްވަ އެވެ.
އެހެންވުމުން އަހަރެމެން ބުނަމެވެ. މައްޔިތުންނަށް އުޟްޙިއްޔާ ކަތިލުމަކީ ސުންނަތެއް ނޫނެވެ. މިކަމަކީ އެއްވެސް ގޮތަކަށް ނަބިއްޔާ صلى الله عليه وسلّم ގެ އަރިހުން ވާރިދުވެގެންވާ ގޮތެއް ނޫނެވެ. މިއީ އެއްވެސް ޞަޙާބީއެއްގެ ފަރާތުން ވާރިދުވެގެންވާ ކަމެއްގެ ގޮތުގައި ނުދަންނަމެވެ. އާއެކެވެ. ދުނިޔެ ދޫކުރުމުގެ ކުރިން އޭނާއަށް ކަތިލައިދިނުމަށް މައްޔިތާ ވަޞިއްޔަތްކޮށްފައި ވާނަމަ، މި ޙާލުގައި އޭނާގެ ވަޞީއްޔަތް ފުރިހަމަ ކުރަން ވާނެ އެވެ. އެ މައްޔިތާއަށް އުޟްޙިއްޔާ ކަތިލެވޭނެ އެވެ. އެއީ އޭނާގެ ވަޞިއްޔަތަށް ތަބަޢަ ވުމުގެ ގޮތުންނެވެ. ހަމައެފަދައިން އިންސާނަކު އޭނާގެ އަމިއްލަ ނަފްސަށާއި އޭނާގެ އަހުލު ބައިތުންނަށް އުޟްހިއްޔާ ކަތިލާހިނދުގައި އަހުލުބައިތުންގެ ދިރިތިބީންނާއި އަދި މަރުވެފައިވާ އަހުލުބައިތުންގެ މައްޗަށް ކަމުގައި ނިޔަތް ގަނެވޭނެ އެވެ.“ (ޝެއިޚްގެ ފަތުވާ ނިމުނީ)
ފަހެ، މައްޔިތުންނަށް މުސްތަޤިއްލުކޮށް އުޟްޙިއްޔާ ޤުރުބާން ކުރުން މަނާކުރައްވާ ޢިލްމުވެރިން ނަންގަވާ ދަލީލަކީ، ނަބިއްޔާ ގެ އަނބިކަނބަލުން އަދި ދަރިންނާއި ދަރިކަނބަލުން ގާތް ތިމާގެ (އޭގެ ތެރޭގައި ބޮޑުބޭބޭފުޅު) ދުނިޔެ ދޫކުރައްވާފައިވީހިނދު އެއްވެސް ގޮތަކަށް އެއްވެސް ޙާލެއްގައި ވަކި އުޟްޙިއްޔާއެއް ޤުރުބާން ކުރައްވާފައިނުވެ އެވެ.
އަދި ހަމައެފަދައިން އެއްވެސް ޞަޙާބީއެއްގެ އަރިހުން އެބޭކަލުންގެ ޙަޔާތްޕުޅުގައި މައްޔިތަކަށް މުސްތަޤިއްލުކޮށް އުޟްޙިއްޔާ ޤުރުބާން ކުރައްވާފައިނުވެ އެވެ. ފަހެ، މިއީ އެފަދައިން ޝަރުޢުވެގެންވާ ކަމެއް ކަމުގައިވަނާމަ، ނަބިއްޔާގެ ބަސްފުޅުން ނުވަތަ ޢަމަލުފުޅުން ނުވަތަ އެކަމަށް އިޤްރާރުވަޑައިގެން އުއްމަތަށް އަންގަވައި ދެއްވީހެވެ.
ޢިލްމުވެރިން މި މައްސަލައިގައި ޚިލާފްވަޑައިގެންފައި ވުމުން، އަދި ހުއްދަ ކުރާ ޢިލްމުވެރިން ޢާންމުކޮށް މައްޔިތާއަށް ޞަދަޤާތް ދިނުމާއި، މުދަލުން ޞަދަޤާތް ކުރުން ހުއްދަވެގެންވާ ކަމުގެ މައްޗަށް ބިނާކޮށް ވިދާޅުވެފައި ވުމުން، އެފަދައިން ޢަމަލު ކޮށްފި މީހެއްގެ ޢަމަލަށް އެއީ ބިދުޢައެއް ނުވަތަ މައްޔިތާއަށް ޘަވާބެއް އަޖުރެއް ނުލިބޭނެ ކަމުގައި ބުނެގެން ނުވާނެ އެވެ.
ވުމާއެކު، އެންމެ އެދެވިގެންވާ އަދި ދަލީލުން ފާޅުވާންއޮތް ސިފައަކީ، ދިރިތިބީން ޤުރުބާން ކުރާ ޤުރުބާނެއް ގޮތުގައި ހެދުން ހުއްޓެވެ. އަދި އެ ނިޔަތުގެ ތެރެއަށް ދުނިޔެ ދޫކޮށްފައިވާ ފަރާތް ޝާމިލް ކުރުމުން އޭގެ އަޖުރާއި ޘަވާބު ދުނިޔެ ދޫކޮށްފައިވާ ފަރާތަށް ލިބޭނެ ކަމުގައި އުއްމީދު ކުރާށެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.