އުޟްޙިއްޔާ ޤުރުބާން ކުރުމުގައި ޢާއިލާގެ 7 މީހުން ބަލާނީ ކިހިނެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އިމާމް مسلم ޞަޙާބީ جَابِرِ بْنِ عَبْدِ اللَّهِ رضي الله عنهما ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ.

”ޙުދައިބިއްޔާގެ ދުވަހުގައި އަހަރެމެން ﷲގެ ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަރިއަހުގައި ތިއްބަވައިގެން ހަދްޔު ޤުރުބާން ކުރެއްވީމެވެ. ޖަމަލެއް އަދި ގެރިއެއް ހަތްމީހުންގެ މައްޗަށެވެ.“

އިމާމް أبو داود ޞަޙާބީ جَابِرِ بْنِ عَبْدِ اللَّهِ رضي الله عنهما ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. ”ގެރި ހަތް މީހުންގެ މައްޗަށެވެ. އަދި ޖަމަލު ހަތް މީހުންގެ މައްޗަށެވެ.“

ހަތް މީހުން ނުވަތަ ހަތް ޢާއިލާއަކީ ކޮބައިކަން ބަޔާންކޮށްދެމެވެ.

ޢާއިލާއެއްގެ މިޘާލަކީ، ބައްޕައަކު ބެލެހެއްޓުމުގެ ދަށުގައިވާ އަނބިމީހާ އަދި އެ ބައްޕަ ބަލަހައްޓާ ދަރިން، މިއީ ޢާއިލާއެކެވެ.

ފަހަރެއްގައި އެމީހުންގެ ޢަދަދަކީ 3 ކަމުގައިވެސް ވެދާނެ އެވެ.

އެމީހުންގެ ޢަދަދަކީ 5 ކަމުގައިވެސް ވެދާނެ އެވެ

އަދި އެއަށްވުރެ ގިނަވެސް ވެދާނެ އެވެ.

ފަހެ، ޢާއިލާގެ ބެލެހެއްޓުންތެރިޔާ އުޟްޙިއްޔާ ޤުރުބާންކުރުމަށް ނިޔަތްގަތީ އެވެ. އެހިނދު މި އެންމެން އޭގެ ތެރެއަށް ވަންނާނެ އެވެ.

الإِمَام العَلاَّمَة العُثَيْمِيْن رحمه الله ވިދާޅުވެފައިވެ އެވެ. ”އިންސާނާ އޭނާގެ އަމިއްލަ ނަފްސަށް ކަންބަޅިއެއް ކަތިލުން ހުއްޓެވެ. އޭގެ ޘަވާބު އޭނާއާއި އޭނާގެ އަހުލު ބައިތުން (އަނބިންނާއި ދަރިންނަށް) ވެސް ލިބޭނެ (ފުދޭނެ) އެވެ. ސަބަބަކީ ރަސޫލާ ﷺ އެއްކަންބަޅި ނަބިއްޔާ ﷺ އަމިއްލަފުޅައަށް އަދި އަހުލުބައިތުންނަށް ޤުރުބާން ކުރެއްވި އެވެ. (އެދުވަހުގައި) ނަބިއްޔާ ﷺގެ އަނބިންގެ ގޮތުގައި 9 އަނބިކަނބަލުން ތިއްބެވި އެވެ.“

شرح الممتع 7- 427

އެހެނަސް ނިޔަފަތި ކެނޑުމާއި އިސްތަށިތައް އުފުރުމާއި ހަންކޮޅުތައް ނެއްޓުންފަދަ ޙުކުމްތަކުން އެއްކިބާވެ ދުރުވެ ހުންނާނީ ނިޔަތްގަތް، އެކަމުގައި އިސްވި ފަރާތެވެ.

މިއީ ޢާއިލާ އެކެވެ. މިފަދަ 7 ޢާއިލާ ގެރިއެއްގައި އަދި ޖަމަލެއް އުޟްޙިއްޔާ ޤުރުބާން ކުރުމުގައި ބައިވެރިވެވިދާނެ އެވެ.

ދަންނަ އެވެ. އެއް ގެ އެއްގައި 2 ޢާއިލާވެސް އުޅެދާނެ އެވެ.

އެއް ފްލޯގައި ދަރިއަކު މީހަކާ އިނދެގެން ކުދިންނާ އެކު އުޅެ އެވެ.

އެމީހުންގެ ކެއުމާއި ބުއިމާއި އެންމެހައި ކަންކަމެއް އެމީހުންގެ އަމިއްލައަށް ބަލައްޓައި ވަކި ދިރިއުޅުމެއްގައި އުޅެ އެވެ. މިއީ ޢާއިލާ އެކެވެ.

އަނެއް ފްލޯގައި އެހެން ދަރިއެއް މީހަކާއިނދެގެން ދަރިންނާއެކު އުޅެ އެވެ. އެމީހުންގެ ކެއުމާއި ބުއިމާއި ދިރިއުޅުން އޮންނަނީ ވަކި ދިރިއުޅުމެއްގެ ގޮތުގަ އެވެ.

އެއީވެސް ވަކި ޢާއިލާ އެވެ. ގޭގެ އެހެން ފްލޯއެއްގައި ގޭގެ ވެރި ފަރާތް، ދަރިންގެ ބައްޕަ އަނބިމީހާއެކު އުޅެ އެވެ. އަދި ބައްޕައާ އެކު ބައްޕަގެ 2 އަންހެން ދަރިންވެސް އުޅެ އެވެ.

އެ އެންމެންގެ ކެއުމާއި ބުއިމާއި ދިރިއުޅުން އޮންނަނީ ބައްޕައާ އެކުގަ އެވެ. ވުމުން މި 4 މީހުން (ބައްޕަ، ބައްޕަގެ އަންހެނުން އަދި 2 ދަރިން) މިއީ ޢާއިލާ އެކެވެ. މިހާރު މިއީ ޖުމްލަ 3 ޢާއިލާ އެވެ.

ކޮންމެ ޢާއިލާއެއްގެ އިސް ފަރާތް އުޟްޙިއްޔާ ޤުރުބާން ކުރުމަށް ނިޔަތްގަނެ އެވެ. ގެރިއެއް އަދި ޖަމަލެއް ކަތިލުމުގައި 3 ޢާއިލާ ބައިވެރިވެވިދާނެ އެވެ.

އަދި އެފަދަ އެހެން 4 ޢާއިލާއެއް ބައިވެރިވުމުގެ ފުރުސަތުވެސް އަދި އެބަ އޮތެވެ. މިތަނުގައި ދަންނަންޖެހެ އެވެ

ޢާއިލާއެއް ކަމުގައިވިޔަސް، އެ ޢާއިލާގެ އެންމެން އަތުން ޗަންދާ ނަގައިގެން ޤުރުބާން ކުރުމެއް ނުވެ އެވެ.

ބައްޕައަތުގައި އެ ކުޅަދާނަކަމެއް ނެތެވެ. އަދި މަންމަވެސް ފައިސާ އަޅައި ބައިވެރިވެ އެވެ. އަދިވެސް ފައިސާ ހަމަ ނުވެ އެވެ. އެހިނދު އަންހެން ދަރިވެސް އޭގައި ބައިވެރިވެ އެވެ. މިފަދައިން ކުރުމެއް ނޯވެ އެވެ.

އެތަނުން އެކަކު އަތުގައިވެސް އެކަން ކުރުމުގެ ކުޅަދާނަކަމެއް ނެތެވެ. އުއްމަތުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައިވާ الإِمَام العَلاَّمَة العُثَيْمِيْن -رحمه الله- ވިދާޅުވެފައިވެ އެވެ.

ސުވާލު : ފިރިމީހާ އާއި އޭނާގެ އަނބިމީހާއަށް އުޟްޙިއްޔާގައި ބައިވެރިވެވިދާނެ ހެއްޔެވެ؟

އެކަކު ދެބައިކުޅަ އެއްބައި ފައިސާ އަދި އަނެކަކު އަނެއްބައިގެ ފައިސާ ދައްކަ އެވެ.

ޖަވާބު : ” އޭނާ އަދި އޭނާގެ އަނބިމީހާ އުޟްޙިއްޔާގެ ގޮތުގައި ކަތިލެވޭ (ކަންބަޅި، ބަކަރީގެ) އަގުގައި ބައިވެރިވެއްޖެހިނދު ޞައްޙައެއް ނުވާނެ އެވެ. ސަބަބަކީ، އެހިނދު އެކަކަށްވުރެ ގިނަ ފަރާތްތައްވަނީ ބަކަރީގެ މިލްކުވެރި ކަމުގައި ބައިވެރިވެފަ އެވެ.

ފަހެ، އެކަކަށްވުރެ ގިނަ މީހުންނަށް ބައިވެރިވެވޭނީ ޖަމަލު އަދި ގެރީގަ އެވެ. އެގޮތުން ޖަމަލު އަދި ގެރީގައި ހަތް މީހުންނަށް ބައިވެރިވެވޭނެ އެވެ.“ مجموع الفتاوى (25-46)

އަޚާ އެވެ! ޖަމަލެއްގައި 7 މީހުން ނުވަތަ 7 ޢާއިލާ ބައިވެރިވެގެން ޤުރުބާން ކުރުމަށްވުރެ، 7 މީހުން ހަތް އެތި ވަކިން ޤުރުބާން ކުރުން، ވަކިން ކަންބަޅިއެއް ނުވަތަ ވަކިން ބަކަރިއެއް ނުވަތަ ވަކިން ގެރިއެއް ނުވަތަ ވަކިން ގެރިއެއް ޤުރުބާން ކުރެވޭނަމަ އެފަދައިން ޢަމަލު ކުރުން ހެޔޮކަންބޮޑުވެ އަޥްލާވެގެންވެ އެވެ.

އެހެން ބަޔަކާއި ބައިވެގެން ޤުރުަބާން ކުރުމަށްވުރެ ވަކި އެއްޗެއްގެ ގޮތުގައި އެއްޗެއް ޤުރުބާން ކުރުން ހެޔޮކަން ބޮޑެވެ.

މައްސަލަ އޮޅުންފިލައި ސާފުވެއްޖެކަމަށް އުއްމީދު ކުރަމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply