ޤުރުއާން ޚަތިމް ކުރުމަށް ވަކި މުއްދަތެއްވޭތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

ކީރިތި ޤުރުއާން ކިޔެވުމާއި، ތިލާވަތް ކުރުމާއި އަދި އެކަމަށް ބާރު އެޅުމާއި އަދި ހިތްވަރު ދެއްވާފައި ވުމަކީ އިސްލާމް ދީނުގެ އެތައް ގިނަގުނަ ދަލީލުތަކުން ބަޔާންވެގެންވާ މަތިވެރި އަޅުކަމެކެވެ.

ފަހެ، މުއުމިނު އަޅާގެ ހިތަކީ ޤުރުއާން ކިޔެވުމުގައި ފުރޭނެ ހިތެއް ނޫނެވެ. الإمام ابن القيم -رحمه الله- ވިދާޅުވެފައިވެ އެވެ . ”ދިރުމާއި ނޫރުގެ ފުރިހަމަކަންލިބި، އަދި މުޑުދާރުކަމާއި ކިލަނބު ކަމުން ސަލާމަތް ވެފައިވާ ހިތަކީ، ކިތަންމެ ވަރަކަށް ޤުރުއާން ކިޔެވި ކަމުގައިވީ ނަމަވެސް، އެ ހިތެއް ނުފުރޭނެ ހިތެކެވެ.“ إغاثة اللهفان 1/94

ފަހެ، އުއްމަތުގެ ސަލަފުއް ޞާލިޙުން ކީރިތި ޤުރުއާން ކިޔެވުމުގައި ގިނަ ގޮތްތަކެއްވެ އެވެ.

ބައެއް ބޭކަލުންގެ ފަރާތްޕުޅުން 3 ދުވަހުން ޚަތިމެއް ކުރައްވާ ކަމެވެ.

އަދި ބައެއް ބޭކަލުންގެ ކިބައިން ކޮންމެ މަހެއްގައި ޚަތިމެއް ކުރައްވާ ކަމުގައިވެ އެވެ.

ޙަދީޘްތަކާއި އަދި ބަސްފުޅުތަކަށް ބަލާއިރު އެންމެ ދިގު މުއްދަތެއްގައި ޚަތިމް ކުރެއްވުމަށް އިރުޝާދު ދެވިގެންވަނީ އެއްމަސް ދުވަސްތެރޭގައި ޚަތިމް ކުރުމެވެ. އަދި މުއުމިނު އަޅާ މި ޢަމަލުގައި މިއަށްވުރެ ބޮޑަށް ދޫކޮށްލުން އެދެވިގެން ނުވެ އެވެ.

އެފަދަ ރިވާޔަތްތަކުގެ ތެރޭގައި ނަބިއްޔާގެ އަޞްޙާބު ބޭކަލުންގެ ތެރޭގައި އަޅުކަމުގައި ކުރިއަރައިވަޑައިގެންނެވި އަދި އަޅުކަމުގައި މަޝްޣޫލުވެ އުޅުއްވުމުގެ ސަބަބުން އެހެނިހެން ކަންތައްތައް ދޫކޮށްލުމާ ހަމައަށް ޢަމަލުފުޅު ކުރެއްވި ޞަޙާބީ عبد الله بن عمرو بن العاص އަށް ޙަދީޘްފުޅު ކުރެއްވި އެވެ. (اقرأ الْقُرْآنَ فِي كُلِّ شَهْرٍ ) ”ކޮންމެ މަހަކު ޤުރުއާން ޚަތިމެއް ކުރައްވާށެވެ.“

މިއީ އެ ޞަޙާބީއަށް އެންމެ ދަށް މިންވަރުގައި ޛިކުރުކޮށްދެއްވާ ޙަދީޘްފުޅު ކުރެއްވި މިންވަރެވެ. މާނައަކީ، އެންމެ ދަށް މިންވަރަކީ އެއްމަސް ދުވަސްތެރޭގައި އެއް ހަތިމް ކުރުމެވެ.

މިފަދަ ރިވާޔަތްތަކުގެ މައްޗަށް ބިނާކުރައްވާ، ބައެއް ޢިލްމުވެރިންނާއި އަދި ފުޤަހާއިން ވިދާޅުވެފައިވަނީ 40 ދުވަހުގެ މުއްދަތަށްވުރެ ދިގުކޮށް ޚަތިމް ކުރުން މަކްރޫހަވެގެންވާ ޢަމަލެއް ގޮތުގަ އެވެ. މިފަދައިން އިމާމް أحمد ވިދާޅުވެފައިވެ އެވެ.

ابن حزم : رحمه الله ވިދާޅުވެފައިވެ އެވެ. ”(މުސްލިމް އަޅާއަށް މުސްތަހައްބުވެގެންވަނީ) މެދުކެނޑުމެއް ނުވާ ގޮތުގައި ޤުރުއާން ކިޔެވުމެވެ. އަދި ކޮންމެ މަހެއްގައި ޚަތިމެއް ކުރުމެވެ. ފަހެ، އެއަށްވުރެ އަވަސް މުއްދަތެއްގައި ޚަތިމް ކޮށްފިނަމަ ފަހެ، ހެޔޮވެގެންވެ އެވެ.“

ޞަޙާބީ މިއަށްވުރެ ގިނައިން ޚަތިމް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ކަމުގައި ދެންނެވުމުން އެންމެ ގިނަ ޢަދަދަކަށް ޚަތިމް ކުރުމަށް ހަދީޘްފުޅު ކުރެއްވީ ކޮންމެ 3 ދުވަހުން ޚަތިމެއް ކުރެއްވުމެވެ.

މި ޙަދީޘް البخاري 1979 އަދި مسلم 1159 ރިވާކުރެއްވި އެވެ. އަދި މި ޙަދީޘް އިމާމް البخاري ޛިކުރު ކުރައްވާފައިވަނީ ”ޤުރުއާން ކިޔެވުންއޮތީ ކިހާވަރަކަށް ކަމުގައި ނަންގަނެވޭ ބާބު“ ގެ ދަށުގަ އެވެ.

އެހެނަސް ބައެއް ޙަދީޘްތަކުގައި ވާރިދުވެގެންވާ ފަދައިން 3 ދުވަހަށްވުރެ އަވަސްކޮށް ޤުރުއާން ޚަތިމް ކުރުން އެދެވިގެން ނުވެ އެވެ. އެއީ عبدالله بن عمرو -رضي الله عنهما- ގެ ޙަދީޘްގައިވެ އެވެ. (لا يَفقَهُ مَن قرأه في أقَلَّ مِن ثلاثٍ) ”ޤުރުއާން 3 ދުވަހަސްވުރެ އަވަހަސް ކިޔަވައިފިމީހަކީ ޤުރުއާން ފަހުމްވާނެ މީހެއް ނޫނެވެ.“ މިރިވާޔަތް އިމާމް الألباني ، صحيح أبي داود ގައި ޞައްޙަ ކުރައްވަ އެވެ.

الإمام ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޤުރުއާން ތިލާވަތްކޮށް ޚަތިމް ކުރުމަށް ޙައްދެއް ކަނޑައެޅިފައިނުވެ އެވެ. އެހެނަސް ހެޔޮކަން ބޮޑުވެގެންވަނީ 3 ދުވަހަށްވުރެ އަވަސްކޮށް ޚަތިމް ނުކުރުމެވެ. އެއީ އެއީ عبدالله بن عمرو -رضي الله عنهما- ގެ ހަދީޘްގައި ވާރިދުވެގެންވާ ފަދައިންނެވެ. (لا يَفقَهُ مَن قرأه في أقَلَّ مِن ثلاثٍ) ”ޤުރުއާން 3 ދުވަހަސްވުރެ އަވަހަށް ކިޔަވައިފިމީހަކީ ޤުރުއާން އެމީހަކަށް ފަހުމްވެ ފިޤުވެރިވި މީހެއް ނޫނެވެ.“

ފަހެ، ހެޔޮކަން ބޮޑުވެގެންވަނީ ޤުރުއާން ކިޔެވުމުގައި ތަރުތީލުކޮށް ކިޔެވުމަށާއި އަދި ޚުޝޫޢަތްތެރިކޮށް ކިޔެވުމަށް އަދި ތަދައްބުރުކޮށް ކިޔެވުމަށް ބާރުއެޅުމެވެ.

ޤުރުއާން ކިޔެވުމުގެ ޤަޞްދުކަމުގައިވަނީ އަވަސްކޮށް ކިޔެވުމެއް ނޫނެވެ. އެހެނަސް ޤަޞްދެކަމުގައިވަނީ ފައިދާ ޙާޞިލް ކުރުމެވެ.“

އެއަށްފަހު ސުވާލުގައި ބުނެވިފައިވާ މަހަކަށްވުރެ އަވަހަސް ޚަތިމް ކުރުން ހުއްދަވެގެންނުވާކަމަށް ނުވަތަ ރަނގަޅުކަމެއް ކަމުގައި ނުވާކަމަށް ބުނެފައިވާ ބުނުމަކީ، ވަރަށްވެސް ޞަރީޙަކޮށް ބަޔާންވެގެންވާ ޞައްޙަ ޙަދީޘްފުޅުތަކާއި ތަޢާރުޒުވާ ފުށޫއަރާ ބަހެއްކަން އިނގެ އެވެ.

އަދި މަހަކަށްވުރެ އަވަހަށް ހަތިމް ކުރުން ރަނގަޅުކަމެއް ނޫންކަމަށް އެއްވެސް ޙަދީޘެއް އަދި ޞަޙާބީންގެ އެއްވެސް ބަސްފުޅެއް ވާރިދުވެގެންވާކަމުގައި ނުދަންނަމެވެ.

ނިންމާލުމުގެ ކުރީގައި ބުނަމެވެ.

އަޅުކަމުގެ މޫސުންތަކުގައި، އޭގެ ތެރޭގައި ރަމަޟާން މަސްފަދަ މޫސުންތަކުގައި ޤުރުއާން ގިނަ ޢަދަދަށް ކިޔެވުމާއި، 3 ދުވަސް އަދި އެއަށްވުރެ އަވަހަށް ޚަތިމް ކުރި ކަމުގައިވީނަމަވެސް އެއީ ހުއްދަވެގެންވާ ޢަމަލެކެވެ.

ސަބަބަކީ، މިފަދައިން ގިނަ ޞަޙާބީ ބޭކަލުންގެ އަރިހުން އަދި އުއްމަތުގެ އެތައް ގިނަ ސަލަފުއް ޞާލިޙުންގެ ފަރާތުންވެސް ވާރިދުވެގެންވުމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts