ކަޅުބާޒާރުގައި ޑޮލަރު ވިއްކުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

އަޚާ އެވެ! މިތަނުގައި ސުވާލަށް ޖަވާބު ދިނުމުގައި ބަޔާންވެގެންވާ ”ދީނުގައިވާ ޤަވާޢިދެއް ބަޔާން ކުރަމެވެ.“

އެއީ، ކުރާ ހިތްވާ ކަންތައްތަކާއި، ކުރާ ހިތް ނުވާ ކަންތައްތަކުގައި، ލޯބިކުރާ ކަންތައްތަކުގައި އަދި ލޯބި ނުކުރާ ކަންތައްތަކުގައި އަދި އެމީހުން އެދޭ ކަންތައްތަކާއި ނޭދޭ ކަންކަމުގައިވެސް، އެކަމަކީ ފާފައަކަށް ނުވާނަމަ ވެރިޔާ (ވަލިއްޔުލް-އަމްރު)، ރަސްކަލު، އަމީރު އަށް ކިޔަމަންގަތުން ވާޖިބުވެގެންވެ އެވެ.

މިއީ ޝަރުޢީ ޤަވާޢިދެކެވެ. ابن عمر رضي الله عنهما ގެ ފަރާތްޕުޅުން ރިވާކުރައްވާފައިވެ އެވެ. «السَّمْعُ وَالطَّاعَةُ عَلَى المَرْءِ المُسْلِمِ فِيمَا أَحَبَّ وَكَرِهَ، مَا لَمْ يُؤْمَرْ بِمَعْصِيَةٍ، فَإِذَا أُمِرَ بِمَعْصِيَةٍ فَلاَ سَمْعَ وَلاَ طَاعَةَ»

”މުސްލިމު އަޅާ އޭނާގެވެރިޔާއަށް އަޑުއަހާ ކިޔަމަންގަތުންވެއެވެ. އޭނާ ކުރާހިތްވާ ކަންތައްތަކުގައި އަދި ކުރާހިތްނުވާ ކަންތައްތަކުގައި ވިޔަސްމެއެވެ. ފާފައަކަށް އަމުރުކުރުމަށް ދާންދެނެވެ. ފާފައަކަށް އަމުރުކޮށްފިނަމަ އެކަމުގައި ކިޔަމަންވެ އަޑުއެހުމެއްނުވެ އެވެ.“

إمام البخاري ޞަޙީޙުގައި މި ޙަދީޘް ރިވާކޮށްފައިވެ އެވެ.

ވުމުން ސުވާލަކީ، ވަކި އަގެއްގައި ޑޮލަރު ވިއްކުން ކަނޑައެޅުމަކީ ފާފަވެރި ޢަމަލެއް ހެއްޔެވެ؟

ޖަވާބަކީ ފާފަވެރި ޢަމަލެއް ނޫނެވެ. އެހެނަސް އެއީ އޭނާ ހިތް ނޭދޭ، އޭނާ ލޯބިނުކުރާ ޢަމަލެއް ކަމުގައި ވެދާނެ އެވެ. ވުމުން، އޭނާ ލޯބި ނުކުރާ ޢަމަލެއް ނަމަވެސް އަދި އޭނާ ހިތް ނޭދޭ ޢަމަލެއް ކަމުގައިވީނަމަވެސް އޭނާއަށް އޮތީ ފާފައަކަށް ނުވާހިނދު، ވެރިންގެ ޤަަވާޢިދުތަކާއި ޤާނޫނު ތަކަކީ ފާފައަކަށް ނުވަތަ މުންކަރާތަކަށް އަރައިގަނެވޭ އެއްޗެއް ނޫން ކަމުގައިވާ ހިނދުގައި އެ ޤަވާޢިދު ތަކުގައި ދެމި ހުރުމެވެ.

ދެވަނައީ : ޑޮލަރު ވިއްކުމަށް ޚާއްޞަކޮށް ކޮށްފައިވާ ސުވާލުގައި ބުނެމެވެ. މި މައުޟުގައި މައްކާގައި މިއަދު ތިއްބެވި ޢިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ޑރ. الشيخ محمد بن عمر بازمول – حفظه الله- ވިދާލުވެފައިވެ އެވެ.

ސުވާލު : ބޭންކުތަކުން ރަސްމީ އަގުގައި ޑޮލަރު ގަނެ، އެއަށްފަހުގައި ކަޅު ބާޒާރުގައި އެ ޑޮލަރުތައް ވިއްކުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އެހެނީ އަހަރެމެންގެ ޤައުމުގައި، ކަޅުބާރާޒުގައި ޑޮލަރުގެ އަގު މަތިވެފައިވަނީ ކަންބޮޑުވާހާ މިންވަރަށެވެ. އަދި ގާތްގަނޑަކަށް ރަސްމީ އަގާއި ކަޅުބާޒާރުގެ އަގު 3 ދީނާރުގެ ތަފާތު އުޅެ އެވެ.

ޖަވާބު : ތަފާތު ދެ ފައިސާ، އެއްފައިސާއަށް އަނެއްފައިސާ ވިއްކުން (އެކްސްޗޭންޖު) ކުރުން ޝަރުޠަކާ އެކު ހުއްދަވެގެންވެ އެވެ. އެއީ ވަޤުތުން ވަޤުތަށް އަތުން އަތަށް ބަދަލުވުމެވެ.

އެހެނަސް ވަލިއްޔުލް އަމްރު، އެކަމަށް ޚާއްޞަ ކުރެވިފައިވާ ތަންތަނުން، ރަސްމީ އަގަކަށް ކަނޑައަޅާފައިވާ އަގަކަށް ނޫނީ ވިއްކުން މަނާކޮށްފައިވާނަމަ، ފަހެ އެހިނދުގައި ވާޖިބުވެގެންވަނީ ވެރިޔާއަށް ކިޔަމަންވެ އަޑުއެހުމެވެ.

والله الموفق.

އަޚާ އެވެ! އަދިވެސް ބުނަމެވެ. އެމީހަކު ވަނީ ޑޮލަރު ގަންނަން ބޭނުންވެ، އެއަށް ނުހަނު ޙާޖަތް ޖެހިފަ އެވެ! ރަސްމީ އަގަަށް ވުރެ ބޮޑުކޮށް ނޫނީ ގަންނާކަށް ނުލިބެ އެވެ. ފަހެ، އެހިނދު އޭނާ ބޮޑު އަގުގައި ގަތުމުގައި މައްސަލައެއް ނެތެވެ. ސަބަބަކީ އޭނާއަކީ ގަންނަ މީހާ އެވެ!

ބޮޑު އަގެއް ހަދައި އެ ބޮޑު އަގުގައި ވިއްކާ މީހެއް ނޫނެވެ.

އަދިވެސް ބުނަމެވެ. އޭނާ ބޮޑު އަގުގައި ގަނެފައިވާ ޑޮލަރު އޭނާ ގަތް ރޭޓުގައި ވިއްކުންވެސް މައްސަލައެއް ނޫނެވެ. ސަބަބަކީ އެއީ އެއިން ވިޔަފާރިކޮށް ކަޅުބާޒާރުގައި އޭނާ ވިއްކުން ކަމުގައި ނުވާނެ އެވެ. އޭނާ ފައިދާ ހޯދުމަށްޓަކައި ވިއްކުމުގެ ތެރެއަށް ނުވަންނާނެތީ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply