ޙައްޖުވެރިންގެ ޢަމަލުތަކުގެ ތެރެއިން އިޙްރާމްއާ ގުޅޭ

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

إِحْرَامْ ގެ ލިބާސް އަކީ إِزَارُ އަދި رِدَاء އެއް ކަމުގައިވުން ހުއްޓެވެ. އެއީ ނަބިއްޔާ ﷺގެ حَدِيْث ފުޅުގައި ބަޔާންކުރައްވާފައިވާ ފަދައިންނެވެ. (وليُحرم أحدكم في إزار ورداء ونعلين) ”ތިޔަބައިމީހުންގެ ތެރެއިން މީހަކު (إِحْرَامْ ބަންނަ ހިނދު) إِزَارُ އާއި رِدَاء އަދި ފައިވާނުގައި إِحْرَامْ ބަނުން ހުއްޓެވެ.“ މި حَدِيْث  عبدالله بن عمر رضي الله عنهما އަރިއަހުން الإمام أحمد (4899) ރިވާކުރެއްވި އެވެ.

إِحْرَامْ ގެ ފޭރާމަކީ (إِزَارُ އަދި رِدَاء އަކީ) ހުދު އެއްޗެއް ކަމުގައިވުން މުސްތަޙައްބުވެގެންވެ އެވެ.

އަދި إِحْرَامْ ގައި ހުންނަ މީހާ އެ ދެ ފޭރާން ދާވެއްޖެ ހިނދުގައި ދޮވެލުން އަދި ޙާޖަތެއް ޖެހިއްޖެ ހިނދުގައި ބަދަލުކުރުން ހުއްދަވެގެންވެ އެވެ.

އަދި ނިދުމަށްޓަކައި މަތީ ފޮށާ ބޭލުން ނުވަތަ ފާހަނަކޮށް ހެދުމަށްޓައި ދެ ފޮށާ ބޭލުންވެސް ހުއްދަވެގެންވެ އެވެ. އަދި ހަމަ އެފަދައިން ދެ ފޮށައިން ކުރެ ފޮށައެއް އެހެން ފޮށައަކަށް ބަދަލުކުރަން ބޭނުންވެއްޖެހިނދު ބޭނުން ކޮންމެ ގަޑިއެއްގައި ފޮށާ ބަދަލު ކުރެވޭނެ އެވެ.

އަދި إِحْرَامْގައި ހުންނަ ވަގުތުގައި ހިނައިގަތުން ހުއްދަވެގެންވެ އެވެ. ސަބަބަކީ ނަބިއްޔާ ﷺ إِحْرَامْ ގައި ހުންނެވި ހިނދުގައި مَكَّةއަށް ވަދެވަޑައިގަތުމުގެ ކުރިން بِشْرِ ذِيْ طُوَاى ހިސާބުގައި ހިނައިވަޑައިގެންނެވި އެވެ. عبدالله بن عمر رضي الله عنهما އަރިއަހުން البخاري (1553) ރިވާކުރެއްވި އެވެ.

 އިޙްރާމުގައި ހުންނަ އަހުލުވެރިޔާ، އޭނާގެ އިޙްރާމު އެހެން އިޙްރާމަކަށް ބަދަލު ކޮށްލުމާއި، ހޫނު ދަގަ ވުމުގެ ސަބަބުން ފިރިހެނުން އިޙްރާމުގެ ގޮތުގައި ބޭނުން ކުރާ ދިރާ (ކޮނޑުމަތީގައި އަޅާފައި އޮންނަ ފޮށާ) ޓެންޓް ތެރޭގައި އިންނަ ގަޑީގައި އެއްފަރާތުގައި ބޭއްވުން، ނުވަތަ އޮށޯވެ އޮންނަ ގަޑީގައި އެއްފަރާތުގައި ބޭއްވުމުގައި އެއްވެސް މައްސަލައެއް ނެތެވެ.

ހަމައެފަދައިން، އިޙްރާމުގައި ހުންނަ މީހާ، ފެންވެރުން މައްސަލައެއް ނޫނެވެ. ދާ ހިއްލާތީވެ ނުވަތަ ހޫނު ގަދަވެ ފިނިކޮށްލުމަށްޓަކައި ފެންވަރާހިނދު، ހަށިގަނޑުގައި އަތް އުނގުޅައި އަދި ބޮލުގައި އަތް އުނގުޅައި ހެދުމުގައި އެއްވެސް މަނާކަމެއް ނެތެވެ.

މި އެންމެހައި ކަންތައްތައް ވަނި ލުއި ފަސޭހަވެގެން ނެވެ.

ދަންނައެވެ! މި ދެ ފޮށާ ނޫން އެއްޗެއް، އެބަހީ ފޭރާމެއްގެ ގޮތުގައި ހަށިގަނޑުގައި ބޭނުން ކުރުން ހުއްދައެއް ނުވާނެ އެވެ. ފަހެ، މި ޒަމާނުގައި ބައެއް މީސްތަކުން ކަފާފައި ހުންނަ ޖަނގިޔަލެއް އެއީ ”ޙައްޖު ޖަނގިޔާ“ ގެ ގޮތުގައި ބޭނުން ކުރުން ހުއްދައެއް ނުވާނެ އެވެ.
އެ ޢަމަލުގެ ތަފްޞީލު ހޯދުމަށްޓަކައި މި https://abuanasmv.com/?p=6322  ފަތުވާ ކިޔާލުން ހުއްޓެވެ.

الحَجُّ އަދި العُمُرَة ގެ އަޅުކަން އަދާކުރާ މީހުން އެބައިމީހުން އާދަވެ ބޭނުންކުރާ ހެދުން ދޫކޮށް إِزَارُ އަދި رِدَاء އެއް ލައިގެން ހުރުމުން، إِحْرَامْ ގެ ފޭރާމުގައި އެންމެހައި މީސްތަކުން ހަމަހަމަ ވެގެންވާކަން އިނގެ އެވެ.މުއްސަނދިންނާއި ފަޤީރުން އަދި ވެރީންނާއި ރައްޔިތުންނާ ދެމެދު އެއްވެސް ފަރަޤެއް ނުވެ އެވެ. ފަހެ، إِحْرَامْ ގެ ފޭރާމުގައި އެންމެހައި މީސްތަކުން ހަމަހަމަ ކަމުގައިވުން ހަނދުމަކޮށްދެނީ އެބައިމީހުން މަރުވުމަށް ފަހު ކަފުންކުރެވޭ ފޭރާމުގައި ހަމަހަމަވެގެންވާކަމެވެ. ފަހެ مسلم އަޅާއަށް މިކަން ހަނދުމަވެ ދިޔުމުން ﷲ އައް ކުއްތަން ކުރުވާ ޞާލިޙު ޢަމަލުކޮށް މަރަށް ތައްޔާރުކުރުވަ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts